Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އާލިއާގެ ކޮއްކޮ އަކީ ވެދާންގު

އިންޑިއާގެ ބަތަލާ އާލިއާ ބަޓް މިދިޔަ އަހަރު ޝޫޓިން ފެށި ފިލްމު "ޖިގްރާ" ގެ މަސައްކަތް އިއްޔެ ނިންމައިލި އިރު، އެ ފިލްމުގައި އޭނަގެ ކޮއްކޮއެއްގެ ރޯލުން ވެދާންގު ރައިނާ ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ.

ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވެދާންގު އަކީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސް އަށް ގެނައި "ދި އާޗީސް" އިން އެކްޓިން އަށް ނުކުތް އެކްޓަރެކެވެ. އާލިއާގެ "ޖިގްރާ" ގައި އޭނަ ހިއްސާވި ނަމަވެސް ފިލްމުގައި ކުޅޭ ރޯލާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިއްޔެ ފިލްމުގެ ޝޫޓިން ނިންމައިލުމާ އެކީ އާލިއާ ވަނީ ވެދާންގުއާ އެކީ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އަދި ވެދާންގު ވެސް ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 27 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ޖިގްރާ" އަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާގެ ޑައިރެކްޝަނަށެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން ޕްރޮޑަކްޝަން ގުޅިގެންނެވެ.

"ޖިގްރާ" ވާނީ މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އާލިއާގެ ހަމައެކަނި ފިލްމެވެ. މިދިޔަ އަހަރު ނެޝަނަލް އެވޯޑް ލިބުނު ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.