Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަހުގެ އުފެއްދުންތައް ވިއްކަން "މަހަ" ޕޯޓަލް

މަސްވެރިކަމުގެ ދާއިރާ އަށް ހާއްސަކޮށްގެން "މަހަ" ޕޯޓަލްގެ ނަމުގައި މަހުގެ ބާވަތްތައް ވިއްކަން ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

މިއީ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ލޯންޗްކުރި ޕްލެޓްފޯމެކެވެ.

މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީނެވެ.

"މަހަ" ޕޯޓަލް ގައި ރަޖިސްޓަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.

އެ ޕޯޓަލް އިފްތިތާހުކުރުމުމުގެ ހަފުލާގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރު ވިދާޅުވީ "މަހަ" ޕޯޓަލް ގެ ސަބަބުން މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ މީހުން ކޮންމެ ތާކު ތިބެގެން ވެސް ތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގުފަހިވެގެން ދާނެ ކަމަށެވެ.

"މަހަ" ޕޯޓަލް ގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށް ދިނުން ކަމަށް ބީސީސީން ބުންޏެވެ.

އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކައި ގަނެވޭ ގޮތަށެވެ.