އިންޑިއާގެ ޒުލެއްގައި އޮތް ދެ ސިންގާއެއްގެ ނަން ބަދަލުކުރަން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ކޯޓުން އެފަދަ އަމުރެއް ނެރުނީ ވެސްޓް ބެންގާލްގެ ޒުލެއްގައި އޮތް ދެ ސިންގާގެ ތެރެއިން އެކައްޗަށް "ސީތާ" އަދި އަނެއް ސިންގާ އަށް "އަކްބަރު" ކިޔުމަކީ ދީނާއި ސަގާފަތާއި ގައުމީ ޝަހުސިއްޔަތުތަކަށް ފުރައްސާކުރުން ކަމަށް ބުނެ އެ މައްސަލަ ވިޝްނޫ ހިންދޫ ޕަރީޝާދު (ވީއެޗްޕީ) ކިޔާ ޖަމާއަތަކުން ހުށަހެޅުމާ ގުޅިގެންނެވެ.
އެ ޖަމިއްޔާ އިން ބުނީ ސިންގާއަކަށް "ސީތާ" ކިޔުމަކީ ހިންދޫގެ ކަލާންގެއަކަށް ފުރައްސާރަ ކުރުން ކަމަށެވެ. އަދި "އަކްބަރު" އެ ނަމަކީ އިންޑިއާގައި 16 ވަނަ ގަރުނުގައި ރަސްކަން ކުރެއްވި ރަސްގެފާނު އަކްބަރުގެ ނަން ކަމަށެވެ. އެހެންވެ އެފަދަ ޝަހުސިއްޔަތެއްގެ ނަން ޖަނާވަރަކަށް ކިޔުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށް ބުނެފައިވެ އެވެ.
ވީއެޗްޕީން ވަނީ ދެ ސިންގާ އެއް ތަނެއްގައި ބޭއްވުމާ މެދު ވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެފަ އެވެ.
މި މައްސަލާގައި ނެރުނު އަމުރުގައި ނަންތަކާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ކޯޓުން ތާއީދުކޮށް، ދެ ސިންގާގެ ނަން ބަދަލު ކުރަން އެ ދޭތި އޮތް ވެސްޓް ބެންގާލްގެ ސިލިގުރީ ޑިސްޓްރިކްޓް "ބެންގާލް ވައިލްޑް އެނިމަލްސް ޕާކް" ގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ސައުގާތާ ބަޓަޗިރިއާ ނެރުއްވު އަމުރުގައި ވިދާޅުވީ އެއްވެސް ދީނަކަށް އަދި ކަލާނގެއަކަށް ނިސްބަތްވާ ނަންތަކާއި މިނިވަންކަމަށް މަސައްކަތްކުރި ގައުމީ ބަތަލުންނާއި އެ ނޫން ވެސް އެފަދަ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންގެ ނަންތައް ޖަނަވާރުންނަށް ކިޔުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އޭގެ ބަދަލުގައި "ބިޖްލީ" ނޫނީ އެފަދަ ކޮންމެވެސް ލުއި ނަމެއް ކިޔުން މާ އާލާކަންބޮޑު ކަމަށާއި ޕެޓަކަށް ވެސް ނަން ދޭ އިރު މިފަދަ ކަންމަށް ރިއާޔަތްކުރުން ވަރަށް މުހިއްމު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.