Last Updated: May 2, 18:04
Thursday, May 2, 2024
ކުޅިވަރު

ލެވަކޫސަނަށް 11 ޕޮއިންޓުގެ ލީޑެއް

މެއިން 2-1 އިން ބަލިކުރުމަށް ފަހު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާ ލެވަކޫސަން އިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލެވަކޫސަން އެއްވަނައިގައި އޮތީ 23 މެޗުން ލިބުނު 61 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 22 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކް އެވެ.

މިއީ ލެވަކޫސަން އިން ބަލި ނުވެ ފުރިހަމަ ކުރި 33 ވަނަ މެޗެވެ. މިއީ ޖަރުމަނުގެ ރެކޯޑެވެ.

ރޭގެ މެޗުގެ ތިންވަނަ މިނެޓްގައި ލެވަކޫސަންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ގްރެނިޓް ޒަކާ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ޖަރުމަނު ލީގުގައި ޒަކާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މެޗުގެ 7 ވަނަ މިނެޓްގައި މެއިންޒުން ނަތީޖާ އެއްވަރުކުރި ނަމަވެސް މި މެޗުން ލެވަކޫސަން މޮޅުވި ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބަޓް އަންޑްރިޗް އެވެ.

މި މެޗުގެ 80 ވަނަ މިނެޓްގައި ޒަކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެއިންޒްގެ ޖެސިކް ގަންކަމަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ލީގުގެ ދެވަނައިގައި އޮތް ބަޔާނުން ލީގުގައި މިރޭ ނިކުންނާނީ ރެޑްބުލް ލީޕްޒިގްއާ އެވެ.