Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

އައިވީއެފް ފަރުވާ އަށް އަންނަ މަހު ހުޅުވާލަނީ

ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފފާއި އައިޔޫއެމްގެ ފަރުވާ އާސަންދައިގެ ދަށުން ދިނުމާ ގުޅޭ އުސޫލު އެންސްޕާ އިން އާންމުކޮށްފި އެވެ.

އޭގައިވާ ގޮތުން އައިވީއެފް ފަރުވާ އެ ސްކީމުން ކަވަރު ކުރާނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަސި އައިޔޫއައި ފަރުވާ ސްކީމުގެ ތެރެއިން ލިބޭނީ ތިން ފަރަށެވެ.

މިކަމާ ގުޅޭ ގޮތުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް މި ހިދުމަތް ލިބޭ ގޮތަށް ކަމަށެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމު ކުރެވިގެން ދާނެ." އޭނަ ވިދާޅުވި އެވެ.

އައިވީއެފފާއި އައިޔޫއެމްގެ އެހީ އަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި އެންސްޕާއިން އާންމުކޮށް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.

އައިވީއެފްގެ އެހީ ހޯދާ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތައް:

* ދަރިއެއް ދުނިޔޭގައި ނެތުން
* ކައިވެންޏަށް ތިން އަހަރުވެފައިވުން
* އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުން
* ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން
* އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން
* އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން
* ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުން
* ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން ނުވަތަ ސަބަބު ދެނެނުގަނެވި ތިން * އަހަރުވަންދެން ދަރިމައިވުމަށް ނުކުޅެދިފައިވުން އަދި އެހެނިހެން ފަރުވާ ކާމިޔާބު ނުވެ އައިވީއެފްއަކީ އެންމެ އެދެވޭ ފަރުވާ ކަމަށް ސްޕެޝަލިސްޓަކު ކަނޑައަޅާފައިވުން
* ފަރުވާ ފަށާއިރު އަންހެން މީހާގެ އުމުރުން 30 ފުރި 42 ފުރިފައި ނުވުން. ފިރިހެން މީހާގެ އުމުރު 55 އަށްވުރެ މަތި ނުވުން.

ނަމަވެސް އަންހެން މީހާގެ އުމުރުން 25 އަހަރު ފުރި ސިއްހީ ހާލަތެއްގެ ސަބަބުން އެންމެ އެދެވޭ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު ކަނޑައެޅުމެވެ.

ކައިވެނީގެ މުއްދަތަށް ބެލުމަށް ފަހު ޕޮއިންޓް ދޭނެ އުސޫލު އެ ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ދޭނެ އުސޫލެއް ގާއިމުކޮށްފައިވާ އިރު އެހީ ދިނުމުގައި އިސްކަން ދޭނީ އެ އުސޫލުގެ ދަށުން އެންމެ ގިނައިން ޕޮއިންޓް ލިބޭ މީހުންނަށެވެ.

އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ ޑިސެމްބަރު 5 ގަ އެވެ.