Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޝާހްރުކާ އެކީ އަދިވެސް ފިލްމެއް ހަދާނަން: އެޓްލީ

ޝާހްރުކް ޚާނާ އެކީ އަދިވެސް ފިލްމެއް ހަދަން ޕްލޭނުގައި އެބައޮތް ކަމަށް މިދިޔަ އަހަރު އޭނައާ އެކީ "ޖަވާން" ގެނެސްދިން ޑައިރެކްޓަރު އެޓްލީ ބުނެފި އެވެ.

އޭބީޕީ އަށް ދިން އިންޓަވިއުއެއްގައި ދެކުނުގެ ކުޅަދާނަ ޑައިރެކްޓަރު ބުނީ ޝާހްރުކާ އެކީ ދެން ހަދާ ފިލްމު ވާނީ "ޖަވާން" އަށް ވުރެ ހުރިހާ ގޮތުން ވަރުގަދަ، ފުރިހަމަ ފިލްމަކަށެވެ.

"އެހެންވީމަ ޝާހްރުކަށް ހާއްސަ ސްކްރިޕްޓެއް ލިބޭ އިރަށް އޭނަ ގާތަށް ގޮސް އެ ނެރޭޓްކޮށް ދޭނަން." އެޓްލީ ބުންޏެވެ.

އޭނަ ބުނީ ޝާހްރުކަކީ ވަރަށް ބޮޑު ފެވަރިޓެއް ކަމަށާއި އޭނަގެ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކަމުދާ ކަމަށެވެ. އެގޮތުން އެންމެ ކަމުދާ ފިލްމުތަކަކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "އޯމް ޝާންތީ އޯމް" ގެ އިތުރުން "ޗެންނައި އެކްސްޕްރެސް" ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ އަހަންނަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށް ޝާހްރުކާ އެކީ މަސައްކަތް ކުރަން ލިބުނީމަ،" އެޓްލީ ބުންޏެވެ. "އޭނައާ އެކީ އަހަރެންގެ ފަސް ވަނަ ފިލްމު ހަދަން ލިބުމަކީ ހަމަ ހުވަފެން ހަގީގަތަކަށްވުން ކަހަލަ ކަމެއް."

މިދޔަ އަހަރު ސެޕްޓެމްބަރު 7 ގައި ރިލީޒްކުރި "ޖަވާން" އަކީ ޝާހްރުކް ޑަބަލް ރޯލެއް ކުޅުނު އެކްޝަން ތުރިލާއެކެވެ. އަދ×ި މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓެވެ. ކާސްޓްގައި ނަޔަންތަރާ އާއި ދީޕިކާ ޕަދްކޯމް ފަދަ ތަރިން ހިމެނޭ "ޖަވާން" އަކީ ބޮކްސް އޮފީހުގައި 1،148.32 ކްރޯޑް ރުޕީސް (139 މިލިއަން ޑޮލަރު) ހޯދި ފިލްމެކެވެ. އެ ހެދީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

އެޓްލީ، 37، ޑައިރެކްޝަނަށް ނުކުތީ 2013 ގެ "ރާނީ ރާނީ" އިންނެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2016 ގެ "ތެރީ"، 2017 ގެ "މާސަލް" އަދި 2019 ގެ "ބިޖިލް" ހިމެނެ އެވެ.

"ޖަވާން" އަކީ އޭނަގެ ފުރަތަމަ ހިންދީ ފިލްމެވެ. މި ފިލްމަށް ފަހު އެޓްލީ ދެން ޑައިރެކްޓްކުރާނެ ފިލްމެއް އަދި ނުނިންމަ އެވެ.