އިންޑިއާގެ މަޝްހޫރު ބީޗް ޓައުނެއް ކަމަށްވާ އަލީބާގް އިން މިދިޔަ އަހަރު ގަތް ގެއަށް ފަހު، ބޮލީވުޑް ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އަނެއްކާ ވެސް އެތަނުން އިތުރު ގެއެއް ގަނެފި އެވެ.
މީޑިއާތަކުން ބުނީ 23 އަހަރުގެ ސުހާނާ މި ފަހަރު ގަތީ 1.8 އޭކަރުގެ ބިމެއްގައި ހުރި ގެއެއް ކަމަށާއި އެ ގޭގެ އަގު 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ކަމަށެވެ. ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އެ ގެ ގަތުމުގެ މުއާމަލާތް ނިންމާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލީބާގް އިން ސުހާނާ ގަތް ގޭގެ އަގު 13 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އަލީބާގްގައި ޝާހްރުކްގެ ވަރަށް އަގުބޮޑު ގެއެއް ވެސް ހުރެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި "ދި އާޗީސް" އިން ފިލްމީ ދުނިޔެ އަށް ނުކުތް ސުހާނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. ސުހާނާގެ މިހާރުގެ އަމިއްލަ ދެ ގެ ހުރި އިރު، މުމްބާއީގައި ހުންނަ އޭނަގެ އާއިލީ ގެ "މަންނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ގެ އެވެ.
ސުހާނާގެ މަންމަ ގޯރީ ޚާނަކީ ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެކެވެ. "ޖީކޭ ޑިޒައިން" ގެ ނަމުގައި މުމްބާއީގައި ލަގްޒަރީ އިންޓިއާރިއާ ޑިޒައިން ސްޓޫޑިއޯއެއް ހިންގަމުން އަންނަ ގޯރީ މީގެ ހަފުތާއެއް ދުވަސް ކުރިން "ޓޯރީ" ގެ ނަމުގައި އަމިއްލަ ރެސްޓޯރަންޓެއް ވެސް ހުޅުވާފައިވެ އެވެ.
ފިލްމީ ދަތުރު ފަށައިގަތް އަދި އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސުހާނާ އަކީ މިހާރު ބައެއް ބްރޭންޑްތައް އިޝްތިހާރު ކޮށްދެމުން އަންނަ މީހެކެވެ. އޭގެ ތެރޭގައި ބިއުޓީ އުފެއްދުންތަކަށް ހާއްސަ "ޓީރާ" އާއި އެމެރިކާގެ މޭކަޕް ބްރޭންޑް، މެބެލިން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސުހާނާ މިހާރު އުޅެނީ "ދި އާޗީސް" ގެ ބަތަލު އަގަސްޓިއާ ނަންދާއާ ރައްޓެހިވެގެންނެވެ. އޭނަ އަކީ މަޝްހޫރު ތަރި، އަމީތާބް ބައްޗަންގެ ކާފަ ދަރިއެކެވެ. "ދި އާޗީސް" އަށް ފަހު ޝާހްރުކާ އެކީ ސުހާނާ "ކިންގް" ކިޔާ ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.