ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތޮއްޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަކީ ހުސެން ސަމީރެވެ. އޭނާގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް، އެމްޑީޕީގެ ރައީސް ޝާހިދު އެދާއިރާއަށް ވަޑައިގެންފައިވަނީ މިއަދުއެވެ.
މި ދަތުރުފުޅުގައި ޝާހިދު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ އއ އުކުޅަހަށެވެ. އުކުޅަހުން ޝާހިދު އަށާއި އެމްޑީޕީގެ ޓީމަށް މަރުޙަބާ ވިދާޅުވީ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް އަދި ދާއިރާގެ އެމްޑީޕީ ކެމްޕޭން ޓީމުންނެވެ.
އުކުޅަހަށް ވަޑައިގަތުމަށްފަހު ޝާހިދު ވަނީ އެރަށު ބަނދަރުމަތީގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވާފައެވެ. އަދި މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ކެމްޕޭން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކެމްޕޭން ޓީމާއެކު މަޝްވަރާކުރެއްވާފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
Thoddoo Dhaairaa @MDPSecretariat Candidate Hussain Sameer aa MDP ge campaign team in Ukulhas in vidhaalhuvi marhabaa ah takai shukuru dhannavan.
Raajjeyge #MisraabuHamaMagah elhuvumah Hussain Sameer Candidate Number 4 ah emme beyfulhun vote dhevvaa. Thilafathah vote dhevvaa! pic.twitter.com/AFzdnvH54G
— Abdulla Shahid (@abdulla_shahid) February 24, 2024
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. ރޯދަމަހު އިންތިހާބު ބާއްވަންޖެހޭތީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުން ޤާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކޮށްފައެއް ނުވެއެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މާޗް 17 ގައި އިންތިހާބު އޮންނާނޭ ކަމަށެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.