ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަޒަރުބައިޖާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ސާހިބާ ޤަފަރޯވާ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އަޒަރުބައިޖާންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ގުޅުން ވަރުގަދަ ކުރެއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާ، އެކަމަށް މަގުފަހި ކުރެއްވުމުގެ ގޮތުން ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމަށް ހުށަހެޅުއްވިއެވެ. މީގެ އިތުރުން، ނޮން އެލައިންޑް މޫވްމަންޓް – ޕާލަމެންޓަރީ ނެޓްވޯކުގައި ރާއްޖެއިން ބައިވެރުވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ.
މިބައްދަލުވުމުގައި އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސާހިބާ ޤަފަރޯވާ ދެއްކެވި ވާހަކަފުޅުގައި އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގައި ހިމެނޭ ޤާނޫނު ހަދާ މަޖިލީސްތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށް އަޒަރުބައިޖާންގެ މަޖިލީހުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަޒަރުބައިޖާނަށް ކުރައްވާ މި ދަތުރުފުޅަކީ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ރައީސް އަސްލަމްގެ އަރިހުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ބައިވެރިވެވަޑައިގަންނަވައެވެ.