ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން، އެއްވެސް އަސާސެއް ނެތި، ހުރަސް ކުރިމަތި ކުރުވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ސަރަހައްދުގައި ވަރަށްގިނަ މަސައްކަތް ކުރަން ހުރި ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ކުރިއަށްގެންދާނޭ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއު، އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު، ފެށުމަށް ބޭނުންވާނެ ހުރިހާ ކަމެއް ތަރުތީބު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މީގެކުރިން އެ މަޝްރޫއު ފެށޭނެކަމަށް އުންމީދު ކުރަމުންދިޔަ ނަމަވެސް އެ މަޝްރޫއު ނުފެށުނު ކަމަށާއި މިސަރުކާރުގައި އެކަން އެގޮތަށް ނުވާނެ ކަމަށެވެ. މި ސަރުކާރުން އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށާއި މި ސަރުކާރުން ވާ ވައުދެއްނަމަ ފުއްދާނެ ކަމަށް ވިދާޅުވިއެވެ. ވައުދުތައް ފުއްދުމުގައި ސަރުކާރަށް ބޭނުންވަނީ އެއްވެސްކަހަލަ ހުރަސްތަކެއް ކުރިމަތިނުވެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ދުސްތޫރީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާނީ ރައްޔިތުންގެ މަޖިލީހުންކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް ޤާނޫނެއް ހަދައިގެންވިޔަސް، ޤާނޫނަށް ބަދަލެއް ގެނެސްގެންވިޔަސް އަދި އެނޫންވެސް ގޮތަކުންވިޔަސް ރައްޔިތުންގެ މަޖިލީހަށް މަޝްރޫއުތައް ހުއްޓުވޭނެ ކަމަށާއި އަދި ބަދަލުވެސް ގެނެވޭނެ ކަމަށާއި ހުރަސްތައްވެސް ކުރިމަތިކުރެވޭނެ ކަމަށެވެ. މީގެކުރިންވެސް އެކަން އެގޮތަށް ހިނގާފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ތިން މަސްތެރޭގައިވެސް އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށެވެ.
"މިދިޔަ ތިން މަސް ތެރޭގައިވެސް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ވެފައިހުރި ވައުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން 14 ހަފްތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިންވެސް، ހަމަ ކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތި ކުރަމުން ދާތަން. އެހެންމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ދުސްތޫރުގަ ކަނޑައެޅިފައި އޮތީމަ އޮތް ގޮތް." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވާ ފަރާތްތަކަކީ ރައްޔިތުންގެ ހައްޤުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ އަދި މަގުފަހިކޮށްދޭ ފަރާތްތަކަކަށް ހެދުމަކީ ގައުމީ އަދި ތަރައްގީގެ ވިސްނުމެއްގައިވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ވެފައިވާ ހުރިހާ ވައުދެއް ފުއްދައިދޭނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.