މޯލްޑީވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ ހުސެން ސަމީރުގެ ކެމްޕޭން ލޯންޗްކުރުމަށް ކެމްޕޭން ޓީމާއެކު އއ އުކުޅަހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭކަން އެ ޕާޓީއިން ދައްކައިދީފިކަމަށެވެ.
ޝާހިދު ވަނީ މިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުގައި އޮވެ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުންވެސް ޒިންމާދާރުކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާފަދައެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީކޮށް، އެންމެ ގިނަ އަދަދަކަށް ވަޒީރުން ޖަވާބުދާރީކުރުވީވެސް 19 ވަނަ މަޖިލިސްގައި އެމްޑީޕީންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ސަރުކާރުގައިވެސް އަދި އިދިކޮޅުގައިވެސް އެމްޑީޕީއިން ޤާނޫނުއަސާސީ ހިމާޔަތްކޮށް ޤާނޫނުގެ ވެރިކަން ދަމަހައްޓާނެކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދޭނެކަމަށެވެ.
Party ge Raees Hon. @abdulla_shahid baiverive vadaigen, Thoddoo Dhaairaa ge #Majlis20 MDP Candidate Hussain Sameer ge Campaign team ah vanee motivational session eh baavvaafa. #MisraabuHamaMagah pic.twitter.com/ioVG9uiznK
— MDP Secretariat (@MDPSecretariat) February 24, 2024
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.