އަންނަ މަހު އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގެ މައިގަނޑު ކާސްޓްގައި ހިމެނޭ ކެރެކްޓާތަކުގެ ޕޯސްޠަރުތަކެއް އާންމުކޮށްފި އެވެ.
ފިލްމުގެ އެންމެ ވަރުގަދަ ރޯލު މިހާރު ފިލްމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ އެކްޓަރު ޝަރަފު އަބްދުﷲ ކުޅެފައިވާ އިރު، ފިލްމުގެ ކާސްޓްގައި ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ހިމެނެ އެވެ.
އަންނަ މަހުގެ 4 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ފުރޭތަ" އަކީ މިދިޔަ ޑިސެމްބަރުގައި އެޅުވި ޑާކް ރެއިންގެ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ އެއް ޑައިރެކްޓަރު ކަމަށްވާ އަލީ ޝިފާއު ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު ތޮލާލެވެ.
މީގެ ކުރިން ޗިއްޕެ މުޅިން ވެސް "ލައިޓްހާޓެޑް" ފިލްމުތައް ގެނެސްދީފައިވާ އިރު، "ފުރޭތަ" އަކީ އޭނަގެ މުޅިން ތަފާތު ރަހައެއްގެ މަސައްކަތްތައް ދައްކުވައި ދޭނެ ފިލްމަކަށް ވާނެ އެވެ.
މީގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ) ބުނެފައިވާ ގޮތުގައި "ފުރޭތަ" އަކީ މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ހުރި އެކި ކަހަލަ މައްސަލަތަކާ ދޭތެރޭ ބެލުންތެރިން ފުންކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންތައްތަކެއް ދައްކުވައި ދޭނެ އެއްޗަކަށް ވާނެ އެވެ.
އެހެންވެ ބޮޑު ސްކްރީނުން ތަފާތު ދިވެހި ފިލްމެއް ބަލާލަން ބޭނުން ނަމަ "ފުރޭތަ" އަކީ ދޫކޮށްލާ ވަރުގެ ފިލްމަކަށް ނުވާނެ އެވެ.
މިއީ ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މި އަހަރު އޮލިމްޕަހަށް އަންނަ ތިން ވަނަ ފިލްމެވެ.