އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެ އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.
އައްޑު އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ މައްސަލަ އަކީ އައްޑޫ ރައްޔިތުންނާ ގުޅިފައިވާ މައްސަލައެއް ކަމަށާއި މި މައްސަލާގައި މިނިސްޓްރީން އައްޑޫ ރައްޔިތުންގެ އަޑުއަހާނެ ކަމަށެވެ. އެގޮތުން ވަޒީރުކަމާ ހަވާލުވެ ވަރަށް ކުރީކޮޅު ޝަންގްރިއްލާގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނެވޭނެ ގޮތަކާ މެދު މަޝްވަރާތަކެއް ކުރެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެގޮތަށް ވާހަކަ ދެއްކުމަށް ވުރެ މައްސަލަ އަވަސްކުރަން ކަމަށާއި އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޝަންގްރިއްލާގެ މައްސަލާގައި ކަރުދާހެއް ތައްޔާރުކޮށް އެ މައްސަލަ އިކޮނޮމިކް ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ. އަދި ޝަންގްރިއްލާގެ އިސް ފަރާތްތައް އެ ކައުންސިލަށް ހާޒިރުކޮށް، އެކުވެރި މާހައުލެއްގައި ވާހަކަ ދައްކައި ޝަންގްރިއްލާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޝަންގްރިއްލާ ބަންދުވެފައި އޮތުމާއެކު އައްޑޫގެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ގެއްލިފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެންނަން ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.