އައްޑޫ ސިޓީގެ ރައްޔިތުން ޓޫރިޒަމް ތަރައްގީވުމަށް ދެކެމުން އަންނަ ހުވަފެނުގައި ހަގީގީ ކުލަ ޖައްސައިދޭނީ މި ސަރުކާރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ އައްޑޫ އަށް ކުރެވުނު ދަތުރުން އައްޑޫ ރައްޔިތުންގެ އިހުސާސްތައް އެނގިގެން ގޮސްފައިވާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރާނީ އައްޑޫގައި ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކާއި ރައްޔިތުންގެ ހިޔާލާއި އަޑުއަހައިގެން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންފުޅު ވަނީ އައްޑޫ ރައްޔިތުންނާއި، ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރަން ކަމަށާއި އެކަމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އައްޑޫގައި ދިގު މުއްދަތަކަށް ޓޫރިޒަމް ކުރިއަށް ގެންދާނަމަ ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ގިނަ އެނދުތަކެއް އެޅުން ކަމަށާއި އެގޮތުން އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނުގައިވާ ގޮތުގެ މަތީން އައްޑޫގައި ގާތްގަނޑަކަށް 6،000 އެނދު އަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ރޭގެ ވަގުތެއްގައި އައްޑޫގައި ޓޫރިޒަމް ދާއިރާ އަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކާ ބައްދަލުކުރެއްވި ކަމަށާއި އައްޑޫގެ ޓޫރިޒަމްގެ ހާލަތު ވަރަށް ރަނގަޅަށް އެ ބޭފުޅުން ކިޔައިދެއްވި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އައްޑޫގައި ޓޫރިޒަމް ޒޯނުތަކެއް ކަނޑައެޅި، ބިންތަކެއް ވެސް ދޫކުރެވިފައިވާއިރު އެ ތަންތަނުގެ ވެރިފަރާތްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފަންޑުގެ ދަތިކަން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަމަށް ހައްލެއް ހޯދަން ރައީސް މުއިއްޒާއި މައުލޫމާތު ހިއްސާކުރައްވާނެ ކަމަށާއި އެމަނިކުފާނު ވެސް އައްޑޫގެ ޓޫރިޒަމަށް ހައްލު ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުން ޓޫރިޒަމް ތަރައްގީ ވުމަށް ކުރަމުން އަންނަ އިންތިޒާރަށް ނިމުން، އިރާދަކުރެވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނާނެ،" ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން ލޯންޗުކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން އައްޑޫގައި ޓޫރިޒަމްގެ 6،000 އެނދު ގާއިމުކުރުމާއެކު 10،000 ވަޒީފާ އުފެއްދުން ހިމެނެ އެވެ.
އައްސޭރި ޓޫރިޒަމް މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވެވަޑައިގަތް ރިޔާސީ ވައުފުޅެކެވެ.