Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ހޮލީވުުޑްގެ ބަތަލާ ޖޮހާންސަން ޑައިރެކްޝަނަށް

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހާންސަން ފުރަތަމަ ޑައިރެކްޝަނަށް ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 39 އަހަރުގެ ހުނަރުވެރި ބަތަލާގެ އަލަތު ފިލްމުގެ ނަމަކީ "އެލިނޯ ދަ ގްރޭޓް" ކަމަށެވެ. މިއީ ދިރިއުޅުން އަލުން ކޮޅަށް ޖަހަން މަސައްކަތްކުރާ އެލިނޯ މޯގެންސްޓީން ކިޔާ 90 އަހަރުގެ އަންހެނަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޓޯރީ ކަމެން އެވެ.

"އެލިނޯ ދަ ގްރޭޓް" ގެ ޓައިޓްލް ރޯލު ކުޅޭނީ "ނެބްރާސްކާ" ފަދަ ކާމިޔާބު އެތައް ފިލްމަކުން ފެނިފައިވާ ތަޖުރިބާކާރު ބަތަލާ ޖޫން ސްކުއިބެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝިވެޓެލް އެޖިފޯ އާއި ބްރޯޑްވޭ ޖެސިކާ ހެކްޓްގެ އިތުރުން އެރިން ކެލިމަން ހިމެނެ އެވެ.

ޖޮހާންސަން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އެލިނޯ ދަ ގްރޭޓް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނުނިންމަ އެވެ.

ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖޮހާންސަން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ނޯތު ސްޓާ" އިންނެވެ. އޭސނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިޖެކްޓް އާޓެމިސް" އާއި "ޓްރާންސްފޯމާސް ވަން" ހިމެނެ އެވެ.