ބޭރު ދުނިޔޭގައި އައްޑޫ ސިޓީ ޕްރޮމޯޓް ކުރަން ހާއްސަ ވިސްނުންތަކެއް ސަރުކާރުން ގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައްޑޫ އަށް ކުރެއްވި ދަތުރުފުޅަށްފަހު "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް ވަކިން ބޭރު ދުނިޔޭގައި ޕްރޮމޯޓް ކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރްސީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި އެގޮތުން ޓޫރިޒަމްގެ އުފެއްދުމެއްގެ ގޮތުގައި ބޭރު ދުނިޔޭގައި އައްޑޫ ޕްރޮމޯޓް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތަށް އައްޑޫއާ ބެހޭ ހާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާނެ ކަމަށާއި އެ ޑޮކިއުމެންޓްރީ ތަފާތު އެކި ފޯރަމްތަކާއި އަދި އައްޑު އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ޓީވީ ޗެނަލްތަކުގައި ދައްކާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވަކިން ހާއްސަ އިސްކަމެއް ދީގެން އައްޑޫގެ ގުދުރަތީ ރީތި ކަމާއި، އައްޑޫގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ފަތުރުވެރިއަކު އަންނައިރު ފުރިހަމަވާންޖެހޭ ކަންތައްތަކެއް އައްޑުގައި އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ފަތުރުވެރިން ތިބޭ ތަންތަނުގައި ޑައިވިން ސެންޓަރުތަކާއި ސްވިމިން ޕޫލް އަދި ވޯޓާ ސްޕޯޓްސް ކުޅޭ ފަދަ ތަންތަން ހުންނަންޖެހޭ ކަމަށެވެ. އަދި މި ކަންކަމަކީ އައްޑޫގެ ޓޫރިޒަމަށް ކޮންމެހެން ވެސް ބޭނުންވާ ކަންކަން ކަމަށާއި މި ކަންކަން ފުރިހަމަ ކުރެވޭނީ ޓޫރިޒަމަށް އައްޑޫ އިން ބިންތައް ނަގައިގެން ތިބި ފަރާތްތަކަށް އެ ތަންތަނަށް އިންވެސްޓް ކުރާނެ ފައިސާ ހަމަޖެހިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން އެ ބޭފުޅުން އެކަން ކުރާނެ. ޕްރައިވެޓް ސެކްޓާ ބާރުވެރިކޮށްގެން ނޫނީ އައްޑޫގެ ޓޫރިޒަމް ޑިވެލޮޕްމެންޓުގައި އަޅުގަނޑުމެން މި ބޭނުންވާ ދުވަހެއް ނުހޯދޭނެ،" ފައިސަލް ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމްގެ ހާލަތު ވަރަށް ރަނގަޅަށް މި ދަތުރުން އެނގިގެން ގޮސްފައިވާ ކަމަށާއި އައްޑު ރައްޔިތުންގެ އަޑު ވަރަށް ރަނގަޅަށް އަޑުއަހާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.