Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ހަދީޖާ" އޮލިމްޕަހަށް އަންނަނީ

ކުރު ފިލްމު "ހަދީޖާ" އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މިއީ ފިލްމީ ތަރި އަހުމަދު އާސިމްގެ ތުރުކަސް ފިލްމްސް އިން "ވިހާލި" ގެ ނަމުގައ ގެނެސްދެމުން ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ސެގްމަންޓެވެ. ސާޅީސް މިނިޓްގެ "ހަދީޖާ" އަކީ އާސިމް ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ ކާސްޓްގައި ރަވީ ފާރޫގް، ނަތާޝާ ޖަލީލު އަދި އަހުމަދު ނިމާލު ހިމެނެ އެވެ.

މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 1 ގަ އެވެ. އެގޮތުން ދައްކަން ހަމަޖެހިފައި ވަނީ ލިމިޓެޑް ޝޯތަކެވެ. މާޗް 1-3 އަށް ފިލްމުގެ ޖުމްލަ 8 ޝޯ ދައްކަން ހަމަޖެހިފައިވެ އެވެ. އެއީ 1 ވަނަ ދުވަހު ދެ ޝޯ އާއި 2 އާއި 3 ވަނަ ދުވަހު ކޮންމެ ދުވަހަކު ތިން ޝޯ ދައްކާ ގޮތަށެވެ.

"ހަދީޖާ" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. އެގޮތުން މި ނަމްބަރު މެދުވެރިކޮށާއި ތުރުކަސް ފިލްމްސްގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

"ހަދީޖާ" އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމި އިރު، މިހާރު ސިނަމާގައި އޮތީ މި މަހުގެ 1 ގައި އެޅުވި އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

އަންނަ މަހުގެ 4 ގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އޮލިމްޕަހުގައި ޕްރީމިއާކުރަން ވަނީ ނިންމައިފަ އެވެ.

"ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންގެ ސެގްމަންޓްތަކުގެ ތެރޭގައި "ރަށްމެދު"، "ބާބާ"، "ފިރިމަރު" އަދި "ލިފްޓް ގޮޅި" ހިމެނެ އެވެ.