Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޖަވާން" ގެ ޑައިރެކްޓަރަށް ހޮލީވުޑުން ފިލްމެއް

މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޖަވާން" ޑައިރެކްޓަރު އެޓްލީ އަށް ހޮލީވުޑްގެ ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ލިބިއްޖެ އެވެ.

އެބީޕީ ނިއުސް އަސް ދިން އިންޓަވިއުއެއްގައި މިކަން ކަށަވަރުކޮށް ދެމުން 37 އަހަރުގެ ހުނަރުވެރި ޑައިރެކްޓަރު އިތުރު ތަފުސީލަކަށް ނުގޮސް ބުނީ މާ ލަސްތަކެއް ނުވެ ވަރަށް ބޮޑު ޚަބަރެއް ދޭނެ ކަމަށެވެ.

އެޓްލީ ބުނީ ހޮލީވުޑްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ތަރުޖިބާއަކަށް ވާނެ ކަމަށް ޝާހްރުކާ އެކީ "ޖަވާން: ހެދުމަލީ ބޮލީވުޑުން ވެސް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

"ޖަވާން ހަދަން ފުރުސަތު ލިބުނީ އެ އިންޑަސްޓްރީ އަށް ދާން އަހަރެން މަސައްކަތްކުރާތާ އަށް އަހަރު ފަހުން،" ތަމަޅަ ޑައިރެކްޓަރު ބުންޏެވެ، "އެހެންވީމަ ދެން ހޮލީވުޑާ ގުޅޭ ގޮތުން ވަރަށް ބޮޑު ޚަބަރެއް ލަސްތަކެއް ނުވެ ދޭނަން."

އެޓްލީ ޑައިރެކްޝަނަށް ނުކުތީ 2013 ގެ "ރާޖާ ރާނީ" އިންނެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2016 ގެ "ތެރީ"، 2017 ގެ "މާސަލް" އަދި 2019 ގެ "ބިޖިލް" ހިމެނެ އެވެ. "ޖަވާން" އަކީ އޭނަގެ ފުރަތަމަ ހިންދީ ފިލްމެވެ. މި ފިލްމަށް ފަހު އެޓްލީ ދެން ޑައިރެކްޓްކުރާނެ ފިލްމެއް އަދި ނުނިންމަ އެވެ.

ނަމަވެސް އެޓްލީ ޕްރޮޑިއުސްކޮށް ގެނެސްދޭން އުޅޭ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ބޮލީވުޑްގެ ތަރި ވަރޫން ދަވަނާ އެކީ މެއި މަހު ގެނެސްދޭން ނިންމާފައިވާ "ބޭބީ ޖޯން" އެވެ.

އިންޑިއާގެ ޑައިރެކްޓަރުންގެ ތެރެއިން ހޮލީވުޑުން އޮފާތަކެއް ލިބިފައިވާ މީހުންގެ ތެރޭގައި "ބާހްބަލީ" އާއި "އާރްއާރްއާރް" ގެނެސްދިން އެސްއެސް ރާޖަމޯލީ ހިމެނެ އެވެ.