މިދިޔަ ހަފުތާގައި ޖަލުގައި މަރުވި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން އޭނަގެ ތަރުޖަމާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ 16 ގައި މަރުވި ނަވަލްނީގެ ހަށިގަނޑު ރަޝިއާ ސަރުކާރުން ހަވާލުކުރީ އޭނަގެ މަންމައާ ކަމަށެވެ. އަދި ވަރަށް އަވަހަށް ނަވަލްނީގެ ޖަނާޒާ ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަވަލްނީގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ އޭނަގެ މަންމަ އަށް ޝަރުތުތަކެއް ކުރުމަށް ފަހު އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ. އެގޮތުން ޖަނާޒާ ވަރަށް "ސިއްރިޔާތުގައި" ބާއްވަން އެއްބަސްކުރުވާފައިވެ އެވެ. އަދި އެގޮތަށް އެއްބަސްނުވި ނަމަ ނަވަލްނީ ވަޅުލާނީ އޭނަ މަރުވި ޕްރިޒަން ކޮލޮނީގައި ކަމަށް ބުނެ "އިންޒާރު" ވެސް ދީފައިވެ އެވެ.
ނަވަލްނީގެ ހަށިގަނޑު ހަވާލުކޮށް، މަރު ސެޓްފިކެޓް ވެސް ދީފައިވާ އިރު، އޭގައިވާ ގޮތުން 48 އަހަރުގެ ނަވަލްނީ މަރުވީ ގުދުރަތީ މަރަކުންނެވެ.

ނަވަލްނީގެ މަރުގެ ޒިންމާ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އެ ގައުމުގެ ސަރުކާރުން ފުރިހަމަ އަށް ނަގަން ޖެހޭނެ ކަމަށް ބުނެ ހުޅަނގުގެ ބައެއް ގައުމުތަކުން، އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ވެސް ގޮވާލާފައިވެ އެވެ.
ނަވަލްނީ އަށް އިންސާފު ހޯދައި ދޭން ގޮވާލައި އޭނަގެ އަންހެނުން ޔޫލިއާ ނަވަލްނަޔާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނަ އިއްޔެ އާންމުކުރި ވީޑިއޯއެއްގައި ފިރިމީހާގެ ހަށިގަނޑު ޝަރުތަކާ ނުލައި އާއިލާއާ ހަވާލުކުރަން ސަރުކާރަށް ގޮވައިލި އެވެެ.