Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ދިއްދޫ އެއާޕޯޓް ޔަގީން: ރައީސް

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގަތް ގޮތަށް ހއ. ދިއްދޫގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެ ރަށުގެ ރައްޔިތުންނަށް އެކަން ޔަގީން ދެއްވީ ބޮޑުތިލަދުންމައްޗަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން ދިއްދޫ ރައްޔިތުންނާ އެކީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓަކަށް ދިއްދޫ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށާއި ދިއްދޫން ބިން ހިއްކައިގެން އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ. ބައެއް ތަންތަނުގައި އިންޓަނޭޝަނަލް އެއާޕޯޓް، ބައެއް ތަންތަނުގައި ޑޮމެސްޓިކް އެއާޕޯޓް އެއާޕޯޓު އަޅަން ޖެހޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ވައުދު މިވަނީ އެކަން ކުރަން ޖެހޭ ކަމަށް ގަބޫލުކޮށްގެން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވަނީ ހަމައެކަނި ރައްޔިތުން ހިތްހަމަޖައްސައިލުމަށް އެކަނި ނޫން ކަމަށެވެ.

"އެއާޕޯޓް މަޝްރޫއަކީ މި ރަށުގައި ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށް ގަބޫލު ކުރަނީ. އެއާ އެކީގައި އެކަން ކުރިއަށްދާއިރު ރަށަށް ބޭނުންވާ އިތުރު ބިން ވެސް ހިއްކަން ޖެހޭނެ." ރައީސް ވިދާޅުވި އެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ ކެމްޕޭންގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ރަށުން ބިން ހިއްކައިގެން އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް 2022 ގައި ކެމްޕޭން ކުރައްވަމުން ވިދާޅުވި އެވެ.

ދިއްދޫގައި ރައީސް މިއަދު ވިދާޅުވީ އެ ރަށުގައި ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް އިމާރާތްކޮށް ދެއްވާނެ ކަމަށެވެ.