Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

އެމްޑީޕީ ކެމްޕޭން ލޯންޗްކުރުން މާދަމާ ރޭ

ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީގެ ކެމްޕޭން ލޯންޗްކުރުން މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭން ލޯންޗްކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގައެވެ. އެމްޑީޕީން ވަނީ އެ ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކަށް އެ ޖަލްސާ ބައިވެރިވުމުގެ ދައުވަތު އަރުވާފައެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. ރޯދަމަހު އިންތިހާބު ބާއްވަންޖެހޭތީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުން ޤާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކޮށްފައެއް ނުވެއެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މާޗް 17 ގައި އިންތިހާބު އޮންނާނޭ ކަމަށެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.