ކުރިން ބޮލީވުޑްގައި ހަދަމުން އައި ކަހަލަ ލޯބީގެ ފިލްމުތައް މިހާރު ވަރަށް މަދު ކަމަށާއި އެހެންވެ އެފަދަ ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށް ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ބުނެފި އެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި 30 އަހަރުގެ އެކްޓަރު ބުނީ ވަރަށް ރީތީ ލޯބީގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ބޭނުން ވަނީ ތަފާތު އެކްޓިންއެއް ދެއްކޭ ކަހަލަ ޗެލެންޖިން ރޯލުތަކެއް ކަމަށެވެ.
"ލޯބީގެ ވަރަށް ތަފާތު އެއްޗަކަށް މިހާރު ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އަހަރެން އަބަދު ވެސް ބޭނުންވޭ ޗެލެންޖިން ރޯލުތައް. ސްކްރިޕްޓްތައް ޗޫސްކުރަނީ ވެސް އެކަމަށް ވަރަށް ބޮޑަށް އިސްކަން ދީގެން." 2019 ގެ "ގަލީ ބޯއި" ގައި ކުޅުނު ރެޕާއެއްގެ ރޯލުން އާންމުންގެ ސަމާލުކަން ހޯދި ސުދާންތު ބުންޏެވެ.
އޭނަ ބުނީ މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބޭނުން ވަނީ ކޮލިޓީ މަސައްކަތްތަކެއް ކުރަން ކަމަށެވެ. އަދި ކޮންމެހެން "މާ ބޮޑު ފިލްމީ ތަރިއަކަށް" ވާން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އަބަދު ވެސް ބެލުންތެރިން ބަލައިގަންނަ ކަހަލަ އެކްޓަރަކަށް ވާން ކަމަށް ބުންޏެވެ.
ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "ކޯ ގަޔޭ ހަމް ކަހާ" އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބަންޓީ އޯރް ބަބްލީ"، "ގެހަރާއިޔާ" އަދި "ފޯން ބޫތު" ހިމެނެ އެވެ.
ކުރިއަރަމުން އަންނަ އުންމީދީ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެކްޝަން ތުރިލާ "ޔުދުރާ" ހިމެނެ އެވެ. ސިދާންތަކީ މިއުޒިޝަނެއް ވެސް މެ އެވެ. އޭނަ ވަރަށް ފަހުން އަމިއްލަ ސިންގަލްއެއް ވެސް ނެރުނެވެ.