Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

މިނިވަން ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވޭ

އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދިދަ މިނިވަންކަމާ އެކު ވިހުރޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތް ޕީޕީއެމް / ޕިއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ވަށަފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހާލަތާ ގުޅޭ ހުރިހާ ވާހަކައެއް ގޮސް ގުޅެނީ ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހު ދިވެހި ދިދަޔާ ގުޅުވައި ދެއްކެވި ވާހަކަތައް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ދިދަ މިނިވަންކަމާ އެކު ވިހުރިގެން ނޫނީ ތަރައްގީގެ މަޝްރޫއުތައް ހިންގެން ނެތްކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ މިނިވަންކަން އަނބުރާ ހޯދުމަށް ކަމަށެވެ.

ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި "ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި، މުރާލި ފަޅުވެރިންތަކެއް" ހޯދަންޖެހޭ ކަމަށާއި އެފަދަ ފަރާތްތައް މަޖިލީހަށް އިންތިހާބުކުރުން މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާކީ ދިވެހި ދިދަ މިނިވަންކަމާ އެކު ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ ދިވެހި ދިދަ މިނިވަންކަމާއި ފަހުރުވެރިކަމާއެކު ވިހުރެމުން ދާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް / ޕީއެންސީއަށް ލިބިގެން ކަމަށެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަނީ 89 ކެންޑިޑޭޓުންނެވެ.