އައްޑޫ ސިޓީ ކައުންސިލާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓްރީގައި އޮތް މި ބައްދަލުވުމާ ބެހޭ ގޮތުން ކައުންސިލުން ބުނީ މިއީ މިނިސްޓަރުގެ ދައުވަތަކަށް މާލެ ވަޑައިގެން މިނިސްޓްރީއާ އެކީ ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އައްޑޫގެ މިސްކިތްތަކާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމާ ގުޅޭ ގޮތުންނާއި، ދާއިމީ ގޮތެއްގައި ދީނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމާ ގުޅޭ ގޮތުންނާއި ކައުންސިލްގެ ކީރިތި ޤުރުއާން މުބާރާތާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށް ކައުންސިލުން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން އައްޑޫގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި މިދިޔަ ސަރުކާރެެއްގައި ފެށި ތިން މަޝްރޫއެއް ހިމެނެ އެވެ. އޭގެ ތެރޭގައި އައްޑޫ އިސްލާމީ މަރުކަޒާއި މަރަދޫ މިސްކިތާއި މީދޫ މިސްކިތުގެ މިސްކިތް އިމާރާތް ކުރިން ހިމެނެ އެވެ.
މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ އިސްލާމިކް މިނިސްޓަރު އައްޑު އަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައި ވަނީ އައްޑޫގެ މިސްކިތްތަކުގެ މަރާމާތަށް މި އަހަރު 1.5 މިލިއަން ރުފިޔާ ކަނޑައަލާފައިވާ ކަމަށެވެ. އައްޑޫގައި 68 މިސްކިތެއް އެބަހުއްޓެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގެ މިސްކިތްތަކުގެ މަރާމާތުތަކަށް ކަނޑައެޅި އެ 1.5 މިލިއަން ރުފިޔާ އަކީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ އެވެ. އަދި އެ ފައިސާ ހޭދަކުރާނީ ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.