މި އަހަރުގެ ރޯދައަށް ހަނދު ބެލުން އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ދޭނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އަތޮޅުތަކުގައި ނަމަ ހެކިބަސް ދޭނީ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގަ އެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި އެ ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭން ޖެހެ އެވެ.
ޑީޖޭއޭ އިން ބުނީ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ އަންނަ މަހުގެ 11 އެވެ.