މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ބައިލައްކަ އިން މައްޗަށް އަރައިފި އެވެ.
ޓޫރިސްޓުުންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު 51،984 އަށް އަރަ އެވެ. ޗައިނާ މިހާރު އެއްވަނަ މާކެޓްގެ ގޮތުގައި އޮތް އިރު، އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެ އަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
މިހާރުގެ ސަރުކާރުގެ އަމާޒަކަށްވެފައި އޮތީ ވެސް ރާއްޖޭގެ އެއްވަނަ މާކެޓަށް ޗައިނާ ހެދުމެވެ. އެކަން ހާސިލުވެފައިވާ އިރު، ޗައިނާގައި ރާއްޖޭގެ ޕްރޮމޯޓްކުރަން ތަފާތު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އަދި އެ ގައުމުގެ އެއާލައިންތައް ރާއްޖެ އަށް އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ވެސް އަންނަނީ ކުރަމުންނެވެ.
އެންމެ ފަހުން ރާއްޖެ ސީދާ ދަތުރު ފެށި ޗައިނާގެ އެއާލައިނަކީ މި މަހުގެ 14 ގައި ދަތުރުތައް ފެށި ޝިއަމަން އެއާލައިނެވެ.
ރާއްޖޭގެ މިހާރު ގަދަ 10 މާކެޓަށް ބަލާ އިރު 36،432 ޓޫރިސްޓުންނާ އެކީ ރަޝިއާ ދެވަނައިގައި އޮތް އިރު، ތިން ވަނައިގައި އިޓަލީ އޮތީ 35،834 ޓޫރިސްޓުންނާ އެކީގަ އެވެ.
ގަދަ 10 ގައި ދެން ހިމެނެނީ އިނގިރޭސިވިލާތް (33،401 ޓޫރިސްޓުން)، އިންޑިއާ (25،096 ޓޫރިސްޓުން)، ޖަރުމަން (23،341 ޓޫރިސްޓުން)، ފްރާންސް (14،360 ޓޫރިސްޓުން)، އެމެރިކާ (12،194 ޓޫރިސްޓުން)، ޕޮލެންޑް (9،588 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (8،297 ޓޫރިސްޓުން) އެވެ.
އިއްޔެއާ ހަމައަށް ރާއްޖެ އަށް ޖުމްލަ 378،245 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.