ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ "ލާހޯރް، 1947" ގެ ކާސްޓާ އެކްޓަރު އަލީ ފަޒަލް ވެސް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ވަތަނީ ފިލްމެކެވެ. "ލާހޯރް، 1947" އިން އަލީ އަށް ފުރުސަތު ލިބުނު އިރު، އޭނަ އާމިރާ އެކީ ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2009 ގެ "3 އިޑިއަޓްސް" ގަ އެވެ.
ހޮލީވުޑުން ވެސް ފުރުސަތު ލިބޭ އަދި ބަތަލާ ރިޗާ ޗައްޑާގެ ފިރިމީހާ އަލީ، 37، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު "ކޫފިޔާ" އެވެ.
"ލާހޯރް، 1947" ގެ ކާސްޓްގައި ކުރީގެ ބަތަލާ ޕްރިތީ ޒިންތާގެ އިތުރުން ޝަބާނާ އާޒްމީ އާއި އަބިމަންޔޫ ސިންގް ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ރޯލަކުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ފެންނާނެ އެވެ. ފިލްމުގެ ރޯލަކަށް އޭނަ ދާދި ފަހުން އޮޑިޝަން ވެސް ހެދި އެވެ.
ސަނީ، 67، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" އެވެ.