Last Updated: July 17, 06:30
Friday, July 17, 2026
ދުނިޔެ

ހަމަލާއެއްގެ އިންޒާރާ ހެދި ތީމް ޕާކެއް ބަންދު!

ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރަކާ ހެދި ޖަޕާންގެ ޓޯކިއޯގެ މަޝްހޫރު "ހެލޯ ކިޓީ" ތީމް ޕާކް ބަންދުކޮށްފި އެވެ.

އެތަން އިއްޔެ ބަންދުކުރީ ހަމަލާއެއް ދީފާނެކަމުގެ އިންޒާރެއް ލިބުނުތާ އެއް ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން ހޮނިހިރު ދުވަހު ތީމް ޕާކަށް ޒިޔާރަތްކުރަން ޓިކެޓް ނެގި މީހުންނަށް ވަނީ ރީފަންޑް ވެސް ދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން އަސްލު ނަމުން "ސެންރިއޯ ޕުރޮލޭންޑް" ކިޔާ ތީމް ޕާކުން ބުނީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ލިބުނީ މެއިލަކުން ކަމަށެވެ. އެހެންވެ މިކަމާ ހެދި މި ވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އެތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޕާކް ވަގުތީ ބަންދުކުރުން ކަމަށް ބުންޏެވެ.

އިންޒާރު ދިން މައްސަލަ "ހެލޯ ކިޓީ" އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

އެތަނުން ބުނީ ފުލުހުންގެ ފަރާތުން ލިބޭ މައުލޫމާތާއި އަދި ތީމް ޕާކް ހިމެނޭ އުތުރު ޓޯކިއޯގެ ޓާމާ ނިއު ޓައުންގެ ހާލަތަށް ބެލުމަށް ފަހު އެތަން އަލުން މިއަދު ހުޅުވޭތޯ ބަލާނެ ކަމަށެވެ.