"ޑޮން 3" ގެ ލީޑް ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ކިއާރާ އަދުވާނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހުގެ ތެރޭގައި އެކްޝަން ޓްރެއިނިންތަކެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ފިލްމުގައި ހިމެނޭ އެކްޝަން މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން ދެ ތަރިންގެ ޓްރެއިނިން ޕްރޮގްރާމް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ރަންވީރާއި ކިއާރާ އަށް އެކްޝަން ޓްރެއިނިން ދޭނީ ތައިލޭންޑުން ގެންނަ ތަޖުރިބާކާރެއްގެ އެހީގައި ކަމަށް މިޑް-ޑޭ އިން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" އިން ވަރަށް ތަފާތު އެކްޝަން މަންޒަރުތަކެއް ގެނެސްދޭނެ އެވެ.
ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ މި ފިލްމަކީ ރަންވީރާއި ކިއާރާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ޝޫޓިން ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓަ މަހުގެ ތެރޭގަ އެވެ.
"ޑޮން 3" އަކީ ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. "ޑޮން" ގެ ފުރަތަމަ ދެ ބައި ފަރުހާން ގެނެސްދިނީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކީގަ އެވެ. އެއީ 2006 އާއި 2011 ގަ އެވެ.
"ޑޮން 3" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.