Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކެޕްޓަން މާވެލް" ގެ ތަރިއަކު މަރުވެއްޖެ

މާވެލް ސްޓޫޑިއޯސްގެ "ކެޕްޓަން މާވެލް" ގައި ޖޯސެފް ޑެންވާސްގެ ރޯލު ކުޅު އެކްޓަރު ކެނެތު މިޝެލް މަރުވެއްޖެ އެވެ.

އުމުރުން 49 އަހަރުގެ އެކްޓަރު މަރުވީ ހޮނިހިރު ދުވަހު އެވެ. އެ ވާހަކަ ކެނެތުގެ އާއިލާ އިން އޭނަގެ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނެފައި ވަނީ ފާއިތުވި ފަސް އަހަރު ކެނެތު ގެންދިޔައީ މޮޓޯ ނިއުރޯން ޑިޒީސް (އެމްއެންޑީ) ނުވަތަ އެމިއޮޓްރޮފިކް ލޭޓަރަލް ސްކެލެރޯސިސް (އޭއެލްއެސް) އާ ހަނގުރާމަ ކުރަމުން ކަމަށެވެ.

ކެނެޑާ އަށް އުފަން އަދި ދެ ކުދިންގެ ބައްޕަ ކެނެތަކީ ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ސްޓާ ޓްރެކް: ޑިސްކަވަރީ"، "ސްވިޗް އެޓް ބާތު"، "މައިނޯރިޓީ ރިޕޯޓް"، "ސީއެސްއައި: މަޔާމީ"، "ގޯސްޓް ވިސްޕެރާ" އަދި "ލޯ އެންޑް އޯޑާ: އެލްއޭ" ހިމެނެ އެވެ.

ކެނެތު އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ ސީރީޒް "ދި އޯލްޑް މޭން" އިންނެވެ.

އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަ ރެކްރޫޓް" އާއި "މިރަކަލް" އަދި "ހޯމް އޮފް ދަ ޖަޔަންޓްސް" ހިމެނެ އެވެ.