އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުން ކަމަށާއި ސަރުކާރާ އެކު ތިބޭނެ މެންބަރުން ބޭނުންވަނީ އެ ސަބަބާ ހެދި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނަމަވެސް އެމަނިކުފާނުގެ ކެބިނެޓަށް މަޖިލީހުން ފުރިހަމައަށް އަދިވެސް ރުހުން ނުދޭކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ މި އުނދަގުލުން ސަލާމަތްވެ ރައްޔިތުންގެ މަސައްކަތްތަކަށް އަވަސްވެގަންނަން." ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ އިދިކޮޅުގައި ތިބޭއިރު ސަރުކާރަކާ އެކު މަސައްކަތް ކުރަން އެނގެންވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވިސްނުމަކީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށާއި އަދި މަސައްކަތް ކުރަނީ ސަރުކާރު ހިނގިޔަ ނުދީ ސަރުކާރުގެ އެއްވެސް ކަމެއް ކުރިއަނުދިނުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރާ އެކު ތިބޭނެ މެންބަރުން މަޖިލީހަށް ބޭނުންވަނީ އެ ސަބަބާ ހުރެކަން ފާހަގަކުރައްވާ ޝިޔާމް ވަނީ ސަރުކާރު ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވުމަށް އެދިވަޑައިގެންފަައެވެ.
މީގެއިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނުގެ ވައުދުތަކަށް ނުފިއްލަވާނެކަން އެނގޭ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މަޝްވަރާ ރައީސް މުއިއްޒު އައްސަވާ ކަމަށާއި މިއީ ހެޔޮ ނިޔަތް އޮވެގެން ވެރިކަން ކުރަން ވަޑައިގަންނަވާ ބޭފުޅުންގެ ތަފާތު ކަމަށް ވިދާޅުވިއެވެ.
"އެހެންވެގެން ބޭނުންވަނީ އެމަނިކުފާނަށް އެމަނިކުފާނުގެ ސްޕީޑުގަ ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަން. މި ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖިއްޔާމު ދިވެހިރާއްޖޭގެ ހިންގުން އެބަ ހުއްޓުވޭ، ދިވެހިރާއްޖޭގެ ތަރައްގީ އެބަ ހުއްޓުވޭ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވަނީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ މާހައުލެއް އުފެއްދުމަށް މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.