އަރަބި ލަފުޒުތަކެއް ހިމެނޭ ފޮތިން ފަހާފައިވާ ހެދުމެއް ޕާކިސްތާންގެ އަންހެނަކު ލައިގެން އުޅުނު މައްސަލައެއް ހޫނުވެއްޖެ އެވެ.
އަރަބި ބަހުން "ހަލްވާ" ލިޔެފައިވާ ހެދުން ލައިގެން އެ މީހާ އިއްޔެ މެންދުރު ފަހު ލާހޯރްގެ ރެސްޓަރަންޓެއްގައި އުޅެނިކޮށް، ގިނަ ބަޔަކު އޭނައާ ދިމާކޮށްލައި، އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މައްސަލަ ހޫނުވެ، އޭނަގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދިއުމުން ބަޔަކު ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އެވެ.
ފުލުހުންގެ އެސިސްޓެންޓް ސުޕްރިންޓެންޑް ސައީދާ ޝެހެރޮބާނޯ ވިދާޅުވީ އެ ހާދިސާގެ ރިޕޯޓާ ގުޅިގެން ފުލުހުން ދިޔަ އިރު، އަންހެން މީހާއާ ދެކޮޅަށް ރެސްޓޯރަންޓްގެ ބޭރުގައި 300 އެއްހާ މީހުން އެއްވެ އަޑުއުފުލަމުން ދިޔަ ކަމަށެވެ.
ޝެހެރޮބާނޯ ވިދާޅުވީ އާންމުން ރުޅިގަދަވީ އަންހެން މީހާ ލައިގެން އިން ހެދުމުގައި ލިޔެފައި އިނީ ޤުރުއާންގެ އާޔަތްތަކެއް ކަމަށް ހީކޮށް ކަމަށެވެ. ނަމަވެސް އެ ހެދުމުގައި ބަހުން މައިގަނޑު ގޮތެއްގައި ލިޔެފައި އިނީ "ހަލްވާ' ކަމަށް ވިދާޅުވި އެވެ. ހަލްވާ އަކީ ފޮނިކާއެއްޗެކެވެ.