Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޕަރިނީތީގެ "ޗަމްކީލާ" އެޕްރީލް 12 ގައި

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ޗަމްކީލާ" މި އަހަރުގެ އެޕްރީލް 12 ގައި ގެނެސްދޭން ނިންމައިފި އެވެ.

އެކްޓަރު ދިލްޖީތު ދޮސަންޖް ޓައިޓްލް ރޯލު ކުޅެފައިވާ މި ފިލްމު ސިނަމާތަކުގެ ބަދަލުގައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސްއިންނެވެ. މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް "ޗަމްކީލާ" އަކީ އުމުރުން އެންމެ 27 އަހަރުގައި 1988 ގައި މަރާލި މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ އަމަރް ސިންގް ޗަމްކީލާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިމްތިއާޒް އަލީ އެވެ. އޭނަ އަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ގެނެސްދިން ޑައިރެކްޓަރެވެ.

"ޗަމްކީލާ" ގައި ޕަރިނީތީ ކުޅެފައި ވަނީ ޗަމްކީލާގެ އަންހެނުން އަމަރްޖޯތު ކޯރްގެ ރޯލެވެ. އިންޑިއާގެ އާމް އާދުމީ ޕާޓީ އާޕް) ގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާއާ ކައިވެނިކުރި ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖް" އެވެ.