ހަނިމާދޫ އެއާޕޯޓްގެ ރަންވޭ އިތުރަށް ދިގުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަނިމާދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އުތުރުގެ ތަރައްގީގެ ޒޯނުގެ ތެރޭގައި ހަނިމާދޫއަކީ ހާއްސަ އިސްކަމެއްދީގެން ތަރައްގީގެ ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއް ކަމަށެވެ.
ހަނިމާދޫގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެއާޕޯޓްގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނީ ފަތުރުވެރިކަން އަދި އެހެން ސިނާއަތްތައް އެ ސަރަހައްދަށް ގެންދެވިގެން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓް ހަދަމުންދާއިރު އެ މަސައްކަތް ކުރަންވާނީ އެންމެ ފުރިހަމައަށްކަމަށެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ވަރަށްވުރެއް ރަންވޭ ދިގުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ މިކަމުގައި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަދައްކައިގެން، މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރުން. މާނައަކީ ރަންވޭ މިހާރަށްވުރެއް ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވިފަހުން މިވީ ތިން މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ފެނުނީ ޣައިރުޒިންމާދާރު ގޮތެއްގައި މަސައްކަތްކުރިތަން ކަމަށާއި ކުރިއަށްއޮތްތަނުގައި އެކަން ތަކުރާރުވުމަށް ބޭނުން ނުވާ ކަމަށެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދަވާނެކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހަކަށް ވާންޖެހޭ ކަމަށާއި އެހެން ނޫންނަމަ ތަރައްގީ ފަހަތަށް ޖެހޭލެއް އަވަސް ކަމަށް ރައީސް ވިދާޅުވިއެވެ.