ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރުމާމެދު ވިސްނަމުންދާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔަ ވަނީ ހުކުމް ކޮށްފައެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ޕީޖީން ބުނެފައިވަނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ ކަމަށާއި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އިސްތިއުނާފު ކުރުމާމެދު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ހަތް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އެ ހާދިސާ ހިނގިއިރު އެ ކުއްޖާ އަށްވީ 17 އަހަރުކަމުން ޖުވެނައިލް ކޯޓުން އެ ކުއްޖާ ސަލާމަތްވި ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 18 އަހަރާއި 9 މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.