ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ ޚަބީރުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބުގެ އޮފީހާ ހިއްސާކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތަކާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ޤާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ބަންޑާރަނައިބުގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ޤާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް ލިބިފައިވާ ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް ޢައްޔަނުކޮށްފައިވާ ޚަބީރުން މިހާތަނަށް ދެއްވާފައިވާ ލަފާ އަދި ވިލަރެސް ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ އިތުރުން، މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ، 18 ޖޫން 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.
"… އަދި މި މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާޢުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާކަމާއި، އަދި މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމެވެ." ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މައްސަލައިގައި ކުރީ ސަރުކާރުން ނަގާފައިވާ ދިފާއުތަކުގެ ސަބަބުންނާއި، އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެއަށް ޢަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރުވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީއާއި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫ.އެން. ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާކަމަށް ބަލައި އިޓްލޮސްގައި މިމައްސަލަ ކުރިއަށް ގެންގޮސް، ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.
އަދި އެއީ އިޓްލޮސްއަށް ޤާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި، މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެއޮތްގޮތަށް ތަންފީޛުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ލަފާދެއްވާފައިވާ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުންނެވެ." ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލަ ކުރިޔަށްގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.