Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އިންތިހާބު ލަސްކުރުމުގެ އިސްލާހު އަނބުރާ ފޮނުވާލައިފި

ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައިފިއެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ 11 ފެބްރުއަރީ ވަނަ ދުވަހުއެވެ. އަދި އެ އިސްލާހު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ 12 ފެބްރުއަރީގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެންނެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި އިސްލާޙު އަނބުރާ މަޖިލީހަށް ފޮނުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ލަފާ ދެއްވާފައިވާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.