Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކަރިޝްމާ އަށް ހާވާޑް ބިޒްނެސް ސްކޫލުން ދައުވަތެއް

އެމެރިކާގެ ހާވާޑް ބިޒްނެސް ސްކޫލްގައި ބޭއްވި ކޮންފަރެންސެއްގައި އިންޑިއާގެ ފިލްމީ ތަރި ކަރިޝްމާ ކަޕޫރް ބައިވެރިވެއްޖެ އެވެ.

އޭނަ އަށް ދައުވަތު ލިބުނީ އެތަނުން ކުރިއަށް ގެންދިޔަ "ޓީމް އިންޑިއާ ކޮންފަރެންސް 2024" ގައި ބައިވެރިވުމަށެވެ. އެގޮތުން އިއްޔެ ކަރިޝްމާ ވަނީ އޭގައި ބައިވެރިވެ، ވާހަކަ ވެސް ދައްކައިފަ އެވެ. އެ އިވެންޓްތަކުގެ ތެރޭގައި އޭނަގެ ކޮއްކޮ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަށް ގުޅައި، އޭނަ ވެސް ކޮންފަރެންސްގައި ވާޗްއަލްކޮށް ބައިވެރިކުރި އެވެ.

ކަރިޝްމާ ވަނީ ހާވާޑް ބިޒްނެސް ސްކޫލުން ބޭއްވި ކޮންފަރެންސްގައި ސްޕީކާއެއްގެ ގޮތުގައި ބައިވެރިވާން ދައުވަތު ދިނީތީ ޝުކުރު އަދާކޮށް، މިއީ އޭނަ އަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ވެސް ފާހަގަކުރި އެވެ.

މި ދަތުރުގެ ފޮޓޯތަކެއް ކަރިޝްމާ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

މިހާރު އުމުރުން 49 އަހަރުވެފައިވާ ދެ ކުދިންގެ މަންމަ ކަރިޝްމާ އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދި އެއް ބަތަލާ އެވެ. އިންޑިއާގެ އެންމެ ވަރުގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރިޝްމާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ހީރޯ ނަމްބަރު 1"، "ރާޖާ ހިންދުސްތާނީ"، "ބީވީ ނަމްބަރު 1"، "ހާމް ސާތު ސާތު ހޭ"، "ދިލް ތޯ ޕާގަލް ހޭ" އަދި "ފިޒާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ދެހާސް ސޯޅައިގައި ކައިވެނި ރޫޅުނު ފަހުން ކަރިޝްމާ ކުޅުނު ފުރަތަމަ ފިލްމު "މާޑާ މުބާރަކް" އަންނަ މަހުގެ 15 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ. ކަރިޝްމާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ. އޭނަ 2020 ގައި "މެންޓަލްހުޑް" ކިޔާ ވެބް ސީރީޒަކުން ފެނިފައިވެ އެވެ.