ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ވަކިކުރި ޑރ. ޙުސައިން ފާއިޒް މަގާމުން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ނިންމައި، ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި ނިންމުމަށް އަމަލުނުކުރާތީ އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އޭނަ ވަޒީފާ އިން ވަކިކުރި މައްސަލާގައި ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުން އެތަނުން ފާއިޒަށް ބަދަލުގެ ގޮތުގައި މުސާރަ އާއި އިނާޔަތަށް ދިނުމަށް ސުޕްރީކް ކޯޓަށް އަންގައިފަ އެވެ.ނަމަވެސް އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާތީ އޭނަގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ އެވެ.
ފާއިޒް މަގާމުން ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭ) އިން ކުރި ތަހުގީގަކަށް ފަހު އެވެ.
ޑީޖޭއޭ އިން ބުނެފައިވާ ގޮތުގައި ފާއިޒު މަގާމުން ވަކިކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމައި އެކަން ތަންފީޒުކޮށް، އޭނަގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެ ގޮތުގެ މަތިންކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ އެވެ.
އަދި ކެމެރާ ހަރުކުރުމުގެ މަސައްކަތަށް 200،000ރ. ވުރެ ބޮޑު އަދަދެއް ހަރުދުކޮށްފައިވާ އިރު، އެކަން ކޮށްފަ އިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ތައްޔާރުނުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށްކަން ވެސް ޑީޖޭއޭ އިން ބުނެފައިވެ އެވެ.