ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ހިމަނައިގެން ކަރަން ޖޯހަރް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ރަންވީރަކީ ކަރަން މިދިޔަ އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލެވެ. ނަމަވެސް ދީޕިކާ އަދި މިހާތަނަށް ކަރަން ޑައިރެކްޓްކުރި ފިލްމެއް ނުކުޅެ އެވެ. އެކަމަކު އޭނަގެ ސްޓޫޑިއޯ، ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކެއް ކާމިޔާބު ބަތަލާ ކުޅެފައިވެ އެވެ. އެއީ "ގެހަރާއިޔާ" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އެވެ.
ރަންވީރާއި ދީޕިކާއާ އެކީ ފިލްމެއް ހަދަން ކަރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ދެން ހަދަން އިއުލާންކޮށްފައި އޮތީ އެކްޝަން ފިލްމެކެވެ. އެ ފިލްމު އިއުލާންކުރީ ކަރަންގެ 50 ވަނަ ދުވަހާ ދިމާކޮށް 2022 މެއި މަހު އެވެ. ނަމަވެސް ރަންވީރުގެ ދެމަފިރިންނާ އެކީ ކަރަން ހަދަން އުޅެނީ އެ ފިލްމު ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ދާފި ފަހުން ކަރަން އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ބުނީ ދެން ހަދަން އޮތީ "ޓިޕިކަލް" ލޯބީގެ ފިލްމެއް ނޫން ކަމަށެވެ. އޭގެ ތަފުސީލަކަށް ނުގޮސް ކުޅަދާނަ ޑައިރެކްޓަރު ބުނީ އާ ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.
އެހެންވެ ޑިސެމްބަރު މަހުގެ ތެރޭގައި އަނެއްކާ ވެސް އެނބުރި ސެޓަށް ދިއުމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ބުންޏެވެ. ކަރަން އަކީ ވަރަށް މަޝްހޫރު ފިލްމުތަކެއް ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މީގެ ލީޑް ކުޅުނީ ރަންވީރާއި އާލިއާ ބަޓެވެ.
ރަންވީރާއި ދީޕިކާގެ ޖޯޑު ކަރަންގެ ފިލްމަކަށް ގެންނަން ޕްލޭންކޮށްފައިވާ އިރު، މިދިޔަ އަހަރު ގެނެސްދިން އޭނަގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 8" ގެ ފުރަތަމަ މެހުމާނުންނަކީ ވެސް ރަންވީރާއި ދީޕިކާ އެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ"، "ޕަދުމާވަތު" އަދި "83" ހިމެނެ އެވެ.