Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ވޯނާ މިއުޒިކާ ނޯރާ ގުޅިއްޖެ

ދުނިޔޭގެ މަޝްހޫރު މިއުޒިކް ލޭބަލް، ވޯނާ މިއުޒިކް ގްރޫޕާ ނޯރާ ފަތުހީ ގުޅިއްޖެ އެވެ.

"އައިޓަމް ގާލް" އެއްގެ ގޮތުގައި ގޮތުގައި ބޮލީވުޑްކަން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ފިލްމުތަކުގައި ލީޑު ރޯލުތައް ވެސް ކުޅެމުން އަންނަ ކާމިޔާބު ފަންނާނު ވޯނާ މިއުޒިކާ ގުޅުނު އިރު، މޮޅު ނެށުންތެރިއެއްގެ އިތުރުން ނޯރާ އަކީ ކުޅަދާނަ ލަވަކިޔުންތެރިއެއް ވެސް މެ އެވެ.

އޭނަގެ ބައެއް ސިންގަލްތައް ވީޑިއޯ ލަވަތަކުގެ ގޮތުގައި ވެސް ނެރެފައިވެ އެވެ.

ނޯރާ ބުނީ ވޯނާ މިއުޒިކާ ގުޅުމަކީ އޭނަގެ މިއުޒިކީ ކެރިއަރު އާ އުސްމިނަކަށް ގެންދަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށެވެ.

"ވޯނާ މިއުޒިކާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." އިންޑިއާގެ މަޝްހޫރު ކުންފުނި، ޓީ ސީރީޒުން ފުރުސަތުތައް ފަހިކޮށް ދެމުން އަންނަ ފަންނާނު ބުންޏެވެ.

ވޯނާ މިއުޒިކް ގްރޫޕްގެ ސީއީއޯ ރޮބަޓް ކީންސިލް ވިދާޅުވީ ނޯރާ އަކީ އާދަޔާހިލާފު ހުނަރުވެރި ފަންނާނެއް ކަމަށާއި އޭނަ ކުރިއަރުވައި ދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ދޭނެ ކަމަށެވެ.

އުމުރުން 32 އަހަރުގެ ނޯރާ އަކީ މޮރޮކޯ ދަރިކޮޅުގެ ކެނެޑާ ރައްޔިތެކެވެ. އޭނަ އިންޑިއާގައި ވިދައިލީ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ލަވަ "ދިލްބަރު" ގައި ދައްކުވައި ދިން ނެށުންތަކާ އެކީގަ އެވެ. އެ ލަވަ އަށް ލިބުނު ބޮޑު ތަރުހީބާ އެކީ ޓީ ސީރީޒުން ލަވައިގެ އަރަބިކް ވާޝަނެއް ނޯރާ ކިޔައި، ވީޑިއޯއާ އެކީ ގެނެސްދިނެވެ.

"ދިލްބަރު" އިން ވިދައިލުމަށް ފަހު، މިހާތަނަށް މަގުބޫލު އެތައް ލަވައެއް ނޯރާ ކުޅެފައިވެ އެވެ. މި މަހުގެ 23 ގައި ރިލީޒްކުރި ފިލްމު "ކްރެކް" އަކީ ނޯރާ ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މަދުގާއޯ އެކްސްޕްރެސް"، "ޑާންސިން ޑޭޑް" އަދި "މަޓްކާ" ހިމެނެ އެވެ.