ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އުފައްދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވަނީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ އަދަދަށް އީސީއަށް ފޯމު ހުށަހަަޅާފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ވީހާ އަވަހަކަށް ދިނުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފަރާތުން އީސީއަށް 3060 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން،، ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށެވެ.
ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 ނޮވެމްބަރ 29 ވަނަ ދުވަހުއެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއަށެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެ މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި 3000 މެންބަރުން ހަމަކުރުމުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެންބަރުން ހަމަވުމުންނެވެ.