Last Updated: April 30, 11:01
Tuesday, April 30, 2024
ޚަބަރު

އޭސީސީ އާއި އިސްލާމިކް މިނިސްޓްރީގެ ފަހުމުނާމާއެއް

އޭސީސީއާއި އިސްލާމިކް މިނިސްޓްރީ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމާއި ގުޅޭ ފަހުމުނާމާއެއްގައި އިސްލާމިކް މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން ކިމިޝާނާއި ދެމެދު ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު ފަހުމުނާމާއިގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލާމުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމީއްޔާތެއްގައެވެ.

މިއީ ކޮރަަޕްޝަނަށް މަގުފަހިވާ ކަންކަން ވިޔަ ނުދިނުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަޤަސަދް ހާސިލްކުރުމަށް ކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމުގެ މަޤުޞަދުގައި ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމަށް އޭސީސީން ދޭ ލަފާގެ މަތިން ޢަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި ފަންނީ އެހީތެރިކަން ދެމެދުގައި ބަދަލު ކުރުންވެސް ފަހުމުނާމާގެ މަޤްސަދުގައި ހިމެނެއެވެ. މީގެ އިތުރުން ގުޅިގެން ކުރާ މަސައްކަތަކުގެ މައުލޫމާތު އާންމު ކުރުމާއި ގުޅޭގޮތުން ވަކި ގޮތެއް ކަނޑައެޅުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝަހީމް ވަނީ އެ ވުޒާރާއިން ކޮރަޕްޝަނާއި ގުޅުންހުރި އެއްވެސް ކަމަކަމަށް ޖާގަ ނުދޭނެ ކަމަށެވެ.

" ކޮރަޕްޝަންގެ އަމަލުތަކަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ. އޭގެ ތެރޭގައި އިދާރީ ކޮރަޕްޝަނާއި، ފައިސާއާއި ގުޅުން ހުރި ކަންކަމާއި ނުފޫޒު ފޯރުވުމާއި މިފަދަ އެއްވެސް ކަމަކަށް މިނިސްޓްރީގެ ފަރާތުން ޖާގައެއް ނުދޭނެ. މިނިސްޓްރީ ކުރިއަށް ދާނީ އިންސާފުވެރިކަމާއި އެކުގައި. އަދުލުވެރިކަމާއި އެކުގައި. " މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ އެ ވުޒާރާއަކީ ހައްޖާއި ޢުމްރާ އަދި ޒަކާތުގެ އިތުރުންވެސް ރައްޔިތުން އަމާނާތްތެރިކަމާއެކު ހަވާލު ކުރާ ގިނަ ފައިސާތަކެއް ބަލަހައްޓާ ތަނެއް ކަމަށެވެ. އެހެން ކަމުން މިކަން ކުރިއަށް ގެންދަން އޭސީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމީއްޔާތުގައި އޭސީސީގެ ރައީސް ޝާމިލް ވަނީ އެ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އަދި އެ އިދާރާގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައިވެސް މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.