Last Updated: July 17, 06:30
Friday, July 17, 2026
ދުނިޔެ

އިންޑިއާގެ ޖައްވީ ދަތުރަށް 4 އެސްޓްރޮނޯޓަކު

އިންޑިއާ އިން އަންނަ އަހަރު ބާއްވަން ކުރިއަށް ގެންދަން ނިންމާފައިވާ ޖައްވީ ދަތުރަށް ފޮނުވަން ޝޯޓްލިސްޓްކުރި އެސްޓްރޮނޯޓުންގެ ޓީމު މިއަދު އިއުލާންކޮށްފި އެވެ.

"މިޝަން ގަގަނިއާން" ގެ ނަމުގައި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އިއުލާންކުރި ޓީމްގައި ހިމެނެނީ ފިރިހެން ހަތަރު އެސްޓްރޮނޯޓުންނެވެ. އެއީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓުން ކަމަށްވާ ކެޕްޓަން ޕްރަޝާންތު ބާލަކްރިޝްނަން ނައިރް އާއި ކެޕްޓަން އަޖިތު ކްރިޝަނަން އާއި ކެޕްޓަން އަންގަދު ޕްރަތާބްގެ އިތުރުން ވިންގު ކޮމާންޑަރު ޝުބާންޝޫ ޝުކުލާ އެވެ.

ޖައްވީ ދަތުރަށް ފޮނުވާ މި ޓީމް ތައާރަފުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

"މިޝަން ގަގަނިއާން" ގެ ޓީމުން ޖައްވީ ދަތުރަށް ހަތަރު މީހަކު ޝޯޓްލިސްޓްކުރި ނަމަވެސް އަންނަ އަހަރުގެ އެ ދަތުރަށް ފޮނުވާނީ އޭގެ ތެރެއިން ތިން މީހުންނެވެ. މިއީ ތިން ދުވަހުގެ ދަތުރެކެވެ.

މި ދަތުރައް ަވމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދަތުރުގެ ޑިމޮންސްޓްރޭޝަނެއް ވެސް ކާމިޔާބުކަމާ އެކީ ބާއްބާފައިވެ އެވެ. ބޭނުމަކީ ދަރުތުގެ ރައްކާތެރިކަން ކަށަވަރުމެވެ. އަދި މި އަހަރުގެ ތެރޭގައި ރޮބޮޓަކާ އެކީ ޖައްވީ ޓެސްޓް ދަތުރެއް ވެސް ބާއްވަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

އިންޑިއާ އިން މިދިޔު އަހަރު ކާމިޔާބުކަމާ އެކީ ހަނދަށް އުޅަނދަށް ފޮނުވާފައިވާ އިރު، އެ ގައުމުގެ އެންމެ ބޮޑު އަމާޒަކަށްވެފައި މިހާރު އޮތީ ހަނދަށް ވެސް ދިއުމެވެ. އެކަން ކައިރި މުސްތަގުބަލެއްގައި ހާސިލުކުރަން މަސައްކަތްކުރައްވާނެ ކަމަށް މޯދީ މިދިޔަ އަހަރު ވިދާޅުވި އެވެ.

އެގޮތުން 2035 އާ ހަމައަށް އަންނަ އިރު އިންޑިއާ އިން ޖައްވީ ސްޓޭޝަނެއް ވެސް ބިނާކުރަން އަމާޒު ހިފާފައިވާ އިރު، ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން އަމާޒު ހިފާފައި ވަނީ އެންމެ ލަސްވެގެން 2040 ގަ އެވެ.