Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ގޯލްޑެން ފުޓްސަލް: ހިތަދޫ ކުއާޓާ ފައިނަލަށް

ހިތަދޫ ޓީމުގެ ކުޅުންތެރިން - ފޮޓޯ: ހިތަދޫ އެފްސީ/ފޭސްބުކް

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ކުއާޓާފައިނަލަށް އައްޑޫ ސިޓި ހިތަދޫ ދަތުރުކޮށްފި އެވެ.

ހިތަދޫ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގަދަ 16 ގައި މިރޭ އދ. މާމިގިލީ ޓީމުގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ހިތަދޫ ޓީމުން ދިޔައީ ޕެނަލްޓީއޭރިއާގެ ބޭރުން މާމިގިލީ ޓީމުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލަމުންނެވެ. މި ހާފުގައި މާމިގިލީ ޓީމުން ފޮނުވާލި ހަމަލާއެއް ހިތަދޫ ޓީމުގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވި އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ހިތަދޫ ޓީމުން ކުރިއަށް ޖެހިލައިގެން އަވަސް ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ހިތަދޫ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ތިލްޒީމް އެވެ. މި ގޯލު ތިލްޒީމް ކާމިޔާބު ކުރީ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ރީތި ޕާހަކުން ގޯލު ކުރިމަތީ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށް ފަހު ވެސް ހިތަދޫ ޓީމުން ދިޔައީ ކައިރިކައިރީގައި މާމިގިލީ ޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މާމިގިލީ ޓީމުގެ ގޯލްކީޕަރު އިމްރާންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ. މި މެޗުގައި ހިތަދޫ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ. ހާޒިމް މި ގޯލު ކާމިޔާބު ކުރީ މާމިގިލީ ޓީމުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މި މެޗުގައި މާމިގިލީ ޓީމުން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނިޒާމް އެވެ.

މިއީ ހިތަދޫ ޓީމުން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެޓީމުން ވަނީ ސ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައި ފެންވަރު ސާބިތުކޮށްދީފަ އެވެ.