ބަނޑު ހައިހޫނުކަމުގައި ފަލަސްތީނުގެ ގާޒާ އިން އެތައް ބަޔަކު މަރުވުން ގާތް ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ގާޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގުރްދާ ވިދާޅުވީ ހައިހޫނު ކަމުގައި އުތުރު ގާޒާ އިން މިހާރުވެސް ދެ މީހަކު މަރުވެފައިވާ ކަމަށާއި އުތުރު ގާޒާގައި މިހާރުވެސް އެތައް ބަޔަކު ހައިހޫނު ކަމުގައި ތިބިއިރު އެމީހުން ކޮންމެ ފަދަ ވަގުތެއްގައި ވެސް މަރުވުމަކީ ގާތް ކަމެއް ކަމަށެވެ.
"ހައިހޫނު ކަމުގެ ސަބަބުން ދުނިޔެ ކުރިމަތީގައި އެތައް ހާސް ބަޔަކު މަރުވުމަކީ އެކަށީގެންވާ ކަމެއް،" ގުރްދާ ވިދާޅުވި އެވެ.
ގުރްދާ ވަނީ ވީ އެންމެ އަވަހަކަށް ގާޒާ އަށް ކާ ތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށާއި އަދި އެހީދޭ ފަރާތްތަކުން ހަދިޔާ ކުރި ތަކެތި ގާޒާގެ ހުރިހާ ސަރަހައްދަކަށް ވެސް ފޯރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ބަނޑުހައިހޫނު ކަމުގެ އިތުރުން ގާޒާގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ބަލިތައް ވެސް ފެތުރެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 29،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.