Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ހާލަންޑްގެ 5 ގޯލުން ސިޓީ ކުއާޓާ އަށް

އާލިން ހާލަންޑް ޖެހި ގޯލުތަކާއެކު 6-2 އިން ލޫޓަން ޓައުން ބަލި ކުރުމަށް ފަހު އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

ލޫޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ހާލަންޑް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ހާލަންޑް ކާމިޔާބުކޮށްދިން އިރު މެޗުގެ 40 ވަނަ މިނެޓްގައި ހާލަންޑް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ސިޓީ އަށް ބަދަލުވި ފަހުން ހާލަންޑް ހެދި 8 ވަނަ ހެޓްރިކެވެ.

ސިޓީގެ ހަތަރުވަނަ ގޯލު ހާލަންޑް މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓް ފަހުން އޭނާ ވަނީ ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސިޓީގެ ހަވަނަ ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ. ލޫޓަންގެ ދެ ގޯލު ވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ ޖޯޑަން ކްލާކް އެވެ.

މި މެޗުގައި ހާލަންޑް ކާމިޔާބު ކުރި ފަސް ގޯލާ އެކު އޭނާ މިހާރު ވަނީ ސިޓީ އަށް ކުޅެދިން 83 މެޗުގައި 79 ގޯލު ކާމިޔާބުކޮށްފަ އެވެ.

މިއީ ސިޓީން ބަލި ނުވެ ފުރިހަމަ ކުރި 18 ވަނަ މެޗެވެ. އެފްއޭ ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ވެސް ސިޓީ އެވެ.