Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިންޑިއާ ސިފައިން ފޮނުވާލަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން އެ ގައުމުން ސިވިއަނުން ގެނެސްފައިވާތީ މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވައިލަނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށް ވިދާޅުވެ، ޝެއިހް އާދަމް ނިޝާން ފާޑު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އޮންނަ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ސިވިލިއަނުން ގެނެސްފައިވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މިއީ ގަބޫލު ކުރެވޭނެ އަދި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ގައުމުން އިންޑިއާ ސިފައިންނާއި އިންޑިއާގެ ނުފޫޒު ބޭރު ކުރަން އަޅުގަނޑުމެން ގޮވާލީ. އަމާކީތީ ފަރަށް ދާ އުސޫލަކުނެއް ނޫން. މިހާރު އިންޑިއާ ސިފައިންގެ ނަމުގައި ތިބި މީހުން ފޮނުވާލާފައި، ހަމަ އެ ޢަދަދަށް ޔުނީފޯމް ބާލުވާފައި ސިފައިން ފޮނުވީމައި އެޖެހެނީ ކޮން ތާކުތޯ؟" އޭނަ ވިދާޅުވި އެވެ. " އެމީހުން ހިލޭ ދިން އެއްޗެއް ނަމަ އެއާ ހަވާލުވެ އެ އޮޕަރޭޓް ކުރަން ތިބެން ޖެހޭނީ މި ތަނުގެ މުސްލިމުން. މި ގައުމުގައި ވެސް އެ ދުއްވުމުގެ ޤާބިލްކަން ހުރި ޕައިލެޓުން އެބަތިބި. ނެތް ނަމަ ތަމްރީނު ވެސް ކުރެވެން ޖެހޭނެ."

ނިޝާން ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން ވެސް، ހެލިކޮޕްޓަރު ދިން ބަޔަކު ވެސް އައީ ދިވެހިން ތަމްރީނު ކުރުމަށް ފަހު އެނބުރި ދާ ގޮތަށް ކަމަށެވެ.

"ޢުމުރު ދުވަހަށް މި ތަނުގައި ބަނޑަހަ ޖަހައިގެން ތިބޭ ގޮތަކަށް ނޫން. ދިހަ ފަނަރަ އަހަރު ވާއިރު އެކަމެއް ވެސް ނުކުރެވުނު،" އޭނަ ވިދާޅުވި އެވެ. "އެހެންވީމާ ދެން އިތުރަށް ނަމުފައި ހިލޭގެ ގޮތުގައި ދިން އުޅަނދުތައް ބާއްވައި އެ މީހުންގެ މީހުން މި ތަނުގައި ތިބުމުގެ އެއްވެސް ބޭނުމެއް އެބައޮތްތޯ؟"

ޑިފެންސް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް އިންޑިއާގެ ސިވިލިއަނުންތަކެއް ގޮސް އައްޑޫ އަށް ގޮސް ހެލިކޮޕްޓަރު ހޭންޑްއޯވާ/ޓޭކްއޯވާގެ ކަންކަން ފުރިހަމަ ކުރަން ފަށާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފައިބާނެ ކަމަށެވެ.

އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން. ގަމުގައި ސްޓޭޝަންކޮށްފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދިޔުމަށްޓަކައި އިއްޔެ ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށްގެން ދާނެ ކަމަށާއި އެ ހެލިކޮޕްޓަރު ގެންދިޔުމަށާއި، އެ ހެލިކޮޕްޓަރުގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު މި މަހުގެ މިއަދު އައްޑު އަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށް ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.