އިންޑިއާގެ ބަތަލާ ތާޕްސީ ޕައްނޫ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ބިދޭސީ ލޯބިވެރިޔާ މެތިއަސް ބޮއީއާ އާއި ތާޕްސީ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަހުކޮޅު ކަމަށެވެ. އެގޮތުން އުދައިޕޫރްގައި ބާއްވަން ހަމަޖެހިފައިވާ ކައިވެނީގެ ހަފުލާގެ ތައްރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ތާޕްސީގެ ލޯބިވެރިޔާ މެތިއަސް އަކީ ޑެންމާނަށް އުފަން ބެޑްމިންޓަން ކުޅުންތެރިއެކެވެ. އެ ދެ މީހުން ރައްޓެހިގެން އުޅޭތާ 10 އަހަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެހާސް ވިހީގައި ތާޕްސީ އާއި މެތިއަސް ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.
ވަރަށް ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތާޕްސީ، 36، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޑަންކީ" އެވެ.