Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި ލަންކާގެ އޭވިއޭޝަން މިނިސްޓަރު- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

އެއަރ އެންބިއުލާންސްގައި ސްރީލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް އެ ގައުމުން ދީފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރުގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއާ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްދީފައިވާ ކަމަށެވެ.

އެގޮތަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޖަނަވަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އާންމުކޮށް ގާތްގަނޑަކަށް އެއް ދުވަހުގެ ވަގުތެއް ހޭދަވެއެވެ. ނަމަވެސް މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް އެއާ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށް ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ރައީސް އޮފީހުން ބުނެފައިވަނީ މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ތަޢާރަފްކުރެއްވުމާއި އެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހު އެ ހިދުމަތް ތައާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ އަވައްޓެރި ޤައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާ، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއާ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.